ފަތުރުވެރިކަމަށް ކައުންސިލްތަކުން ދޫކޮށްފައިވާ ބިންތައް ތަރައްޤީކުރުމަށް 3% އަށްވުރެ ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާންކުރެއްވީ އިއްޔެ ހއ. ފިއްލަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ހއ. އަދި ހދ. އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ފިއްލަދޫއަކީ ޖާގައިގެ ގޮތުން ބިން އޮތް، އަދި ރަށް އޮތް ސަރަހައްދުގެ ގޮތުން ތަރައްޤީގެ ފުރުޞަތު ބޮޑު ރަށެއްކަމަށެވެ. އަދި ސަރުކާރުގެ ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭންގެ ދަށުން ގިނަ ފައިދާތަކެއްކުރާނެ ރަށެއްކަމަށް ވިދާޅުވިއެވެ.
ޓޫރިޒަމަށް ކައުންސިލްތަކުން ދޫކޮށްފައިވާ ބިންތައް ތަރައްޤީކުރުމަށް 3% އަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓުގައި ލޯނު ދޫކުރުމަށް ނިންމަވާފައިވާކަމަށާއި، އެކަމުގެ މަސައްކަތް މާލީ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ހއ. ކެލާގެ ފަޅުގައި 2 ރިސޯޓް ތަރައްޤީ ކުރައްވާނެ ކަމަށާއި ވަށަފަރުގައި ވެސް ޓޫރިޒަމް ތަރައްޤީނކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހދ. އަތޮޅުގައި ވެސް ޓޫރިޒަމް ފުޅާ ކުރައްވާނެ ކަމަށާއި، އެމްޓީޑީސީގެ ދަށުގައި އޮތް ހދ. ނާގޯށި ތަރައްޤީ ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އުތުރުގެ 4 އަތޮޅަކީ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށާއި، ޓޫރިޒަމްގެ އިތުރުން މަސްވެރިކަން ސިންދަފާތު ކުރުމަށްވެސް ރޭވިފައިވާ ކަމަށެވެ.
ފިއްލަދޫގެ ތަރައްޤީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރައްވާނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމް ޤާއިމު ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

