މިއަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ތަރާވީހް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމަށް ވިޒާއަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލައިފިއެވެ.
އިމިގްރޭޝަނުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް، ޝަރުތު ހަމަވާ ހާފިޒުންނަށް 45 ދުވަހުގެ “ސްޕެޝަލް ވިޒާ” ދޫކުރެވޭނެ ކަމަށެވެ. މި ވިޒާއަށް އެދި ހުށަހެޅުމަށް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވެއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެޕްލިކޭޝަން ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި “އިމުގާ” ޕޯޓަލް މެދުވެރިކޮށް ހުއްދަ ދޭ ފަރާތްތަކަށް އަންގާނެއެވެ. އަދި ހާފިޒުންގެ ވިޒާގެ ކަންކަން ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރުމަކީ އެފަރާތްތައް ރާއްޖެ ގެނައުމަށް ހުއްދަ ލިބިފައިވާ ފަރާތުގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
ހާފިޒުންނާއެކު އަންނަ އާއިލާ މެންބަރުންނަށް 30 ދުވަހުގެ އޮން އެރައިވަލް ޓޫރިސްޓް ވިޒާ ދޫކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ. މި މުއްދަތަށްވުރެ ގިނަ ދުވަސް ހޭދަކުރާނަމަ، ވިޒާ ހަމަވުމުގެ 7 ދުވަސް ކުރިން މުއްދަތު އިތުރުކުރުމަށް ހުށަހަޅަންޖެހޭނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ރަމަޟާންމަހު ތަރާވީޙު ނަމާދު ކުރަން ރާއްޖެއިން ބޭރުގެ ޙާފިޡުން ގެނައުމަށް ހުއްދައަށް އެދުމުގެ ފުރުސަތު ފެބްރުއަރީ 16 އާ ހަމައަށް ހުޅުވާލާފައެވެ. ރާއްޖެއިން ބޭރުގެ ޙާފިޡުންނަށް އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް 200 ރުފިޔާގެ އެލަވަންސެއް ދޭންޖެހޭނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

