ހއ. އުތީމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުތީމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
އެއްބަސްވުމުގައި އުތީމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.
އުތީމުގައި މިވަގުތު ބޭންކިން ޚިދުމަތް ދެމުން އަންނަނީ ބީއެމްއެލް އެޖެންޓެއް މެދުވެރިކޮށެވެ. އަދި މި އޭޓީއެމްގެ ޚިދުމަތް އުތީމުގައި ޤާއިމުކުރެވެނީ، މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތްތައް ފުޅާ ކުރެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކުގެ ދަށުންނެވެ.
ސަރުކާރުން ވަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް އަމާޒު ހިފާފައެވެ. މި މަޝްރޫޢު އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ބީއެމްއެލްއިން މިހާރު ވަނީ ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައި ޚިދުމަތް ދެމުންނެވެ. އަދި މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް އިތުރު 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ބޭންކުން މަޢުލޫމާތު ދެއެވެ.

