ރަމަޟާން މަހާ ދިމާކޮށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން “އެއްގެއިން އަނެއްގެއަށް” ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.
މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި އެހެން ފަރާތްތަކަށް ހަދިޔާކުރުމުގެ މަގު ތަނަވަސްކޮށްދިނުމެވެ.
މި ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގެ ގޭގެއިން ނަގާ ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި އިލެކްޓްރޯނިކް ތަކެއްޗެވެ. އަންނަ މަހުގެ 1 އިން 16 އަށް ގޭގެއިން މި ތަކެތި ނެގުމަށްފަހު، އެ ތަކެއްޗަށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ.
“މި ޕްރޮގުރާމުގެ މަގުސަދަކީ، ރަމަޟާން މަހުގައި އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުމެވެ. އަދި މިއީ، ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ނައްތާލަންޖެހޭ ކުނި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ،” އެޗްޑީސީ
އެޗްޑީސީން ހާމަކުރި ގޮތުގައި ތަކެތި ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ
- އާދިއްތަ އިން ބުރާސްފަތި ދުވަހަށް މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށެވެ.
- ހުކުރު ދުވަހުވެސް ހަމަ މި ގަޑިތަކުގައި ތަކެތި ދޫކުރެވޭނެއެވެ.
- ހޮނިހިރު ދުވަހު ތަކެތި ދޫކުރެވޭނީ ހެނދުނު 10:00 އިން ހަވީރު 6:00 އަށެވެ.
- މުއްދަތު ނިމުމަށްފަހު ބާކީވާ ތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ ފަރާތްތަކަށް
މި ޕްރޮގްރާމަކީ ރަމަޟާން މަހުގެ ހެޔޮ ރޫހުގައި އެކަކު އަނެކަކަށް އެހީތެރިވުމާއި، ތިމާވެށްޓަށް ފައިދާހުރި ގޮތެއްގައި ކުނި މަދުކުރުމަށް ބާރުއަޅާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ނުވަތަ ތަކެތި ހަދިޔާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 7412111 ނަންބަރަށް ގުޅުމަށް އެޗްޑީސީން އެދިފައިވެއެވެ.

