ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. ތަކަންދޫއަށް ވަޑައިގެންފިއެވެ. ރައީސް ވަޑައިގަތުމުން، ރަށުގެ ގިނަ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެ، އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ތަކަންދޫއަކީ ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި 5 ވަނަ ރަށެވެ. މި ދަތުރުފުޅުގައި ތަކަންދޫގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ. މީގެއިތުރުން، އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތާއި ފުލުހުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުވެސް ކުރިއަށްދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. އަންގާރަ ދުވަހު ފެށި މި ދަތުރުފުޅުގައި ހއ. އަތޮޅުގެ 10 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް މުއައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. ތިން ދުވަހުގެ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

