ތ. ގުރައިދޫގައި އެއަރޕޯޓެއް ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން ބިން ހިއްކާ ސަރަހައްދުގައި ބަންޑު ވޯލް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ގުރައިދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށްވާއިރު، މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން 378،350 ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 979 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަސައްކަތަށް 106.02 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ގުރައިދޫ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، “މިހާރު ހިއްކުމަށް ހަމަޖެހިފައިވާ ބިމަކީ އެއަރޕޯޓް އެޅުމަށް ޚާއްސަކޮށްފައިވާ ބިމެކެވެ. އަދި މީގެ ކުރިން ހިއްކާފައިވާ 45 ހެކްޓަރުގެ ބިމުގައި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އެހެނިހެން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.”
މި އެއަރޕޯޓް ތަރައްޤީކުރުމުން ތ. އަތޮޅުގެ ރައްޔިތުންނަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

