ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ބޯޓަކުން ރާއްޖެއަށް 200 މާސްޓާ ކާޓޫން މެންޗެސްޓާ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިން އުޅަނދެއް ކަމަށްވާ “ދަ ހޯކްސް ޖަވާހިރު” ބޯޓުން މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ބިނާވެފައިވަނީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން ސިއްރުން މުދާ އެތެރެކުރުމުގެ ކުށާއި، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނީ ލޯންޑްރިންގ ކުށުގެ މައްޗަށެވެ.
ތަހުގީގުން މިހާތަނަށް ހާމަވެފައިވާ ގޮތުގައި، 2024 އޮކްޓޯބަރު 24 ވަނަ ދުވަހު ރާއްޖެއަށް އައި “ދަ ހޯކްސް ޖަވާހިރު” ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި ރާއްޖެއަށް ގެނެސް، އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް ބާލާފައިވެއެވެ.
ކަސްޓަމްސްގެ މަޢުލޫމާތު ދެއްވާ ފަރާތުން ހާމަކުރެއްވި ގޮތުގައި، މި މައްސަލައިގައި ހިފެހެއްޓުނު ސިނގިރޭޓްގެ އަދަދަކީ ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސްއެވެ. މިހާރު އަމަލުކުރާ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން މި ސިނގިރޭޓްތަކަށް ދައްކަންޖެހޭ ޓެކްސްގެ އަދަދަކީ ފަސް މިލިއަން ރުފިޔާއެވެ.
މި މައްސަލައާ ގުޅިގެން ހޯކްސްއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ ކުންފުންޏަކީ ރާއްޖެއަށް ތެޔޮ އެތެރެކޮށް ތެލުގެ ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު މަޢުލޫމާތު ހާމަކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

