އ. ތަކަންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށްޓަކައި އެރަށު ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
މި އެއްބަސްވުމުގައި ތަކަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޙުސެއިން ނަޢީމެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. މިހާރު ތަކަންދޫގައި ބޭންކިން ޚިދުމަތް ދެމުން އަންނަނީ ބީއެމްއެލް އެޖެންޓެއް މެދުވެރިކޮށެވެ.
ސަރުކާރުން މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތްތައް ފުޅާކުރުމަށް ފައްޓަވާފައިވާ މަސައްކަތްތަކުގެ ދަށުން، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި މަޝްރޫޢު އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ވަނީ ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައި، އެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް އިތުރު 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާކަމަށް ބޭންކުން މަޢުލޫމާތު ދެއެވެ.

