ހއ. ތަކަންދޫގައި އައު ކައުންސިލް އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. މިއީ ރާއްޖޭގެ ކައުންސިލްތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ފުޅާ މަޝްރޫޢުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ.
ހާލަތު ދަށް 55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއާ ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. މި މަޝްރޫޢު ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 2 އަހަރާއި 6 މަސް ދުވަހުގެ މުއްދަތެކެވެ.

ކައުންސިލް އިމާރާތުގެ ބިންގާ އެޅުން، ފޮޓޯ: ރައީސް އޮފީސް
ކައުންސިލްތަކުގެ އިމާރާތްތައް އެޅުމުގެ މަސައްކަތް ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ހެކްސްޓަރ ގްލޯބަލްއާ ހަވާލުކުރި 55 ކައުންސިލްގެ އިތުރުން، ޗައިނާ ސަރުކާރުގެ އެހީގައި އިތުރު 50 ކައުންސިލް އިމާރާތް ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ.
މިހާތަނަށް 105 ރަށެއްގެ ކައުންސިލް އިމާރާތްކުރުމަށް ވަނީ އިޢުލާންކޮށްފައެވެ. މި މަޝްރޫޢުތައް ނިމުމުން ރާއްޖޭގެ ކައުންސިލްތަކުގެ 70 އިންސައްތަ ކައުންސިލްގެ ޖާގައިގެ މައްސަލައަށް ހައްލު ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

