ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހއ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ތަކަންދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަތައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ، އަދި މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނުގައެވެ.
މިއަދުގެ ބައްދަލު ކުރެއްވުމުގައި ކައުންސިލްގެ ފަރާތުންވަނީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާ ކުރައްވާފައެވެ. މިގޮތުން ރަށުގައި ހުރި އާސާރީ ތަންތަން ރައްކާތެރި ކުރުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، އަސާސީ ޚިދުމަތްތައް ކަމުގައިވާ، ފެނާ ނަރުދަމާގެ ޚިދުމަތް އަވަހަށް ލިބުމަށާއި، ރަށްގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވާކަމަށާއި، ރަށަށް ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިކަން ހައްލުކުރުމަށް ބަނދަރުގެ މަޝްރޫޢު ފުރިހަމަކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ވެސް ރަށަށް އާމްދަނީ ހޯދުމަށް ރަށުގެ އިޚުތިޞާޞްގައި ރަށެއް ހިމަނައި ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު ގެދޮރުވެރިކަމުގެ ކަންބޮޑުވުންތައް ވެސް ކައުންސިލުން ހިއްސާކުރެއްވިއެވެ.
މިއަދުގެ ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅުގައި ހިމެނޭ ކަންކަން ކޮށްދެއްވުމަށާއި ކައުންސިލުން ފާހަގަ ކުރެއްވި، ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ވަނީ ތަކަންދޫގައި ހިންގާ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.

