ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހއ. ތަކަންދޫ އާއި ހއ. މާރެންދޫގައި އާރުޓީއެލްގެ ޚިދުމަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ވާހަކަ ރައީސް ޑރ މުއިއްޒު ވިދާޅުވީ މިއަދު ހއ. ތަކަންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވި ގޮތުގައި، ދަތުރުފަތުރުކުރުމުގައި ތަކަންދޫ ރައްޔިތުން ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ ފަރާތުން އަޑުއިވިފައިވެއެވެ. މި ދަތިތައް ޙައްލުކުރުމަށްޓަކައި، ރޯދަ މަހުގެ ކުރިން އާރުޓީއެލް ފެރީ ތަކަންދޫ އަށާއި މާރެންދޫއަށް މަޑުކުރާގޮތަށް ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ ރޯދަ މަހުގެ ކުރިން މަތިބިތުން ދަތުރުކުރާ އާރްޓީއެލް ފެރީ ތަކަންދޫ އަށާއި މާރެންދޫއަށް މަޑުކޮށްފައިވާ ގޮތަށް އިންތިޒާމް ހަމަޖެހިގެންދާނެ. އޭރުން ތިބޭފުޅުންނަށް ބޮޑުތަނުން ފަސޭހަވާނެ،” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ތަކަންދޫގެ ބަނދަރާއި، ސްކޫލް އަދި ސިއްޙީ މަރުކަޒު އިތުރަށް ތަރައްޤީކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ޑރ މުއިއްޒު ދެއްވާފައިވެއެވެ. މި ބަދަލުތަކުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.
ރައީސް ޑރ މުއިއްޒު މި ދަތުރުފުޅަކީ ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ބައެކެވެ. މި ދަތުރުފުޅުތަކުގައި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައެވެ.

