ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. މާރަންދޫއަށް ވަޑައިގެންފިއެވެ. މާރަންދޫގެ ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގައި މާރަންދޫ ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތުގެ ބިންގާ އެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ވެއެވެ. މީގެއިތުރުން، ރަށުގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، އޭޓީއެމްގެ ޚިދުމަތް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ އިމާރާތް އެޅުމަށް ބިން ކައުންސިލާ ހަވާލުކުރެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މާރަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ އެންމެ އިސް އެދުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުން ހިމެނެއެވެ. އަދި ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެކަމަށްވެސް ވެއެވެ.
ތިން ދުވަހުގެ މުއްދަތަށް ހއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި އެއަތޮޅުގެ 10 ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މާރަންދޫއަކީ މި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 6 ވަނަ ރަށެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

