ކުރިއަށް އޮތް ދުވަސްތައް ވެގެންދާނީ ތަރައްޤީގެ ދުވެލީގައި ބައިވަރު މަސައްކަތްތަކެއް ހިނގަމުންދާނެ ދުވަސްތަކަކަށް ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހއ. މާރަންދޫގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސް ޑރ މުއިއްޒު، ހއ. މާރަންދޫގެ ރައްޔިތުންނަށް މި ޔަޤީންކަން ދެއްވާފައި ވަނީ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ މިއަދު މެންދުރު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
އެއީ ކުޅިވަރުގެ ދާއިރާ ކަމުގައިވިޔަސް، ބަނދަރާއި ރަށްގިރުމުގެ މައްސަލަކަމުގައި ވީ ނަމަވެސް، ޢުމްރާނީ ކަންކަން ކަމުގައިވިޔަސް، ކުނި މެނޭޖުކުރުމާއި، އިޖުތިމާޢީ، ޞިއްޙީ އަދި ތަޢުލީ ދާއިރާއިން ރަށަށް ބޭނުންވާ ކަންކަމުގައި ޙަޤީޤީ ކުލަ ޖައްސަވައިދެއްވައި، ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ޑރ މުއިއްޒު ވަނީ ދެއްވާފައެވެ.
ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ވަރަށް ރަނގަޅަށް ހަނދުމަފުޅު އެބަހުރި ކަމަށާއި، އެ ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ސީރިއަސްކަމާއެކު ދެމިއޮތް ކަމުގައި ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ. މި ހިނގާ 2025 ވަނަ އަހަރު، މި ކަންކަމަށް ޢަމަލީ ސިފަ ގެނެސްދެއްވުމަކީ ސަރުކާރުގެ ޕްލޭން ކަމުގައި ވިދާޅުވެ، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، އެކި ސަބަބުތަކާ ހެދި މިދިޔަ އަހަރު ކުރިއަށް ނުގެންދެވި ހުރި މަސައްކަތްތައްވެސް ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.
ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފަށައި، ހުއްޓިފައި ހުރިކަން ފާހަގަކުރައްވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، އެ ކަންކަންވެސް ކުރިއަށް ގެންދެވޭނެ މަގުތައް އަދުގެ ސަރުކާރުން ހޯއްދަވާފައިވާ ކަމަށާ، އެކަންކަންވެސް ކުރިއަށް ގެންދަވާނެ ކަމުގައެވެ. އެގޮތުން ރަށުގެ ބަނދަރުގެ މައްސަލައަށް ފުރިހަމަ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހއ. މާރަންދޫގެ ރައްޔިތުންނަށް ދެއްވާފައެވެ. މީގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދުގެ މައްސަލައާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމުގައި ހުރި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވައި، ކުރިއަށް އޮތް ދުވަސްތަކުގައި މާ ލަސްތަކެއް ނުވެ، މަސައްކަތްތައް އަލުން ފައްޓަވައިދެއްވާނެ ކަމުގައި ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ހަމަ މިއާއެކު ވަކި ތާވަލެއްގެ ތެރެއިން ހއ. މާރަންދޫ އަކީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) އިން ޝެޑިއުލް ފެރީ ދަތުރުކުރާ މަންޒިލެއް ކަމުގައި ރަމަޟާން މަސް އައުމުގެ ކުރިން ހަމަޖައްސަވައިދެއްވަން ކަނޑައަޅުއްވާފައި އޮތް ކަންވެސް ރައީސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ގާތަށް ވަޑައިގެން އެ ރައްޔިތުންގެ އަޑު އައްސަވައި، ކަންކަން ޙައްލު ކޮށްދެއްވުމަށް އެ މަނިކުފާނު އިސްނަންގަވައިގެން ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ހއ. މާރަންދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި، ބޭންކް އޮފް މޯލްޑިވްސްއިން މާރަންދޫގައި އޭ.ޓީ.އެމް ބެހެއްޓުމުގެ، މަސައްކަތް މާރަންދޫ ކައުންސިލާ ހަވާލުކުރެއްވުންވެސް އޮތެވެ.
ރައްޔިތުންގެ ގާތަށް އެ މަނިކުފާނާއި އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަޑައިގަތުމަކީ އެއްވެސް ޙާލެއްގައި ބޭކާރު ވެގެންދާ ޚަރަދެއް ނޫން ކަމަށާ، ބޭކާރު ވެގެންދާ ޚަރަދަކީ ކަންކަން ނުކުރެވި ލަސްވެގެންގޮސް ލިބޭ ގެއްލުމުގެ އަގު ކަމުގައި ރައީސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ކަމާ ގުޅުންހުރި ދާއިރާތަކުގެ ވަޒީރުންނާއެކު ރަށްރަށަށް ވަޑައިގެން، ރަށުގެ މުއައްސަސާތަކާއެކު އެއްތަނަކުން ބައްދަލުވެ، މަޝްވަރާތައް ކުރެވުމާއެކު، ކަންކަމަށް އަވަސް ޙައްލެއް ހޯއްދެވޭ ކަމަށް، ރައީސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި ވަނީ އިޝާރާތްކުރައްވާފައެވެ.

