ސްޓެލްކޯ ރެކްރިއޭޝަން ކްލަބަކީ ކުންފުނީގެ މުވައްޒަފުންގެ އަޚްލާޤު ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި ފަރާތެއް ކަމަށާއި، ރެކްރިއޭޝަން ކްލަބް އަލުން ވުޖޫދުކުރުމުގެ އެއް ބޭނުމަކީ އެ އަޚްލާޤު އަލުން މުވައްޒަފުންގެ ތެރޭގައި އަށަގެންނެވުން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ބޯޑުގެ ޗެއާޕަރސަން ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ސްޓެލްކޯ
އަންގާރަ ދުވަހު ބޭއްވުނު ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ އިފްތިތާޙީ ޖަލްސާގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، ކުރީގެ ރެކްރިއޭޝަން ކްލަބުން ސްޓެލްކޯއަށް ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކަމަށެވެ. އޭގެ އެންމެ ބޮޑު ފައިދާއެއް ކުރީ ސްޓެލްކޯގެ މުވައްޒަފުންނަށް ކަމަށް ފާހަގަކުރެއްވިއެވެ.

ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ސްޓެލްކޯ
"އޭރުގެ އިސްވެރިން ވަރަށް ބޮޑަށް ބާރުއެޅުއްވި ކަމެއް އެ ރެކްރިއޭޝަން ކްލަބް މެދުވެރިކޮށް ކުންފުނީގެ މުވައްޒަފުންގެ އަދަބާއި އަޚްލާޤު ވަކި ގޮތަކަށް ބައްޓަންކުރުން. ކުންފުނީގެ ޑިސިޕްލިން ވަކި ގޮތަކަށް ހިފެހެއްޓުން… ގަޑިއެއް ނުޖެހޭނެ ދުވަހަކުވެސް. އަދި ކުންފުނީގެ ތެރޭގައި އެބޭފުޅުންގެ ބޭއަދަބީ ނުވަތަ އެބޭފުޅުން ގޯހޭ ބުނާނެ އެއްވެސް މުވައްޒަފަކު ނޫޅޭނެ،" ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ސްޓެލްކޯ
ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަދި ކްލަބްގެ ބޯޑުގެ ވައިސް ޗެއާޕަރސަން ޢަބްދުﷲ ނާޡިރު ވިދާޅުވީ، ސްޓެލްކޯ ރެކްރިއޭޝަން ކްލަބަކީ ޤައުމީ ފެންވަރުގެ، ޚިދުމަތްތެރި، މޮޅު މީހުން އުފައްދާފައިވާ، ކާމިޔާބު މާޒީއެއް އޮތް ކްލަބެއް ކަމަށެވެ. އަދި މުވައްޒަފުންގެ އެއްބައިވަންތަކަމާއި ދުޅަހެޔޮކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކްލަބްގެ ޙަރަކާތްތަކުގެ ތެރެއިން ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ސްޓެލްކޯ
މި ރަސްމިއްޔާތުގައި ކްލަބުން މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކާއި، ބައިވެރިވުމަށް ހަމަޖެހިފައިވާ މުބާރާތްތައް ހިމެނޭ އެކްޓިވިޓީ ކަލަންޑަރު އިޢުލާނުކޮށްފައިވެއެވެ. އަދި ކްލަބްގެ ވެބްސައިޓާއި ލަވަވެސް ވަނީ އިފުތިތާހުކޮށްފައެވެ. ހަމަމިއާއެކު، ކްލަބްގެ އައު ދިދަ، ލޯގޯ، ކުލަތައް އަދި ސްލޯގަން ވަނީ ފާސްކޮށްފައެވެ.

