އައިޖީއެމްއެޗްގެ ނަރުސް، މޭރީ ގްރޭސް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ހަލީމަތު ލަމްހާ، ގޭބަންދަށް ބަދަލުކުރުމަށްފަހު ފުލުހުންނަށް ނާންގައި ކޯޓަށް ހާޒިރުވާ ކަމަށް ބުނެ، އޭނާ އަލުން ޖަލަށް ބަދަލުކުރުމަށް ދައުލަތުން މިއަދު އެދިއްޖެއެވެ.
ދައުލަތުން ފާހަގަކުރި ގޮތުގައި ލަމްހާ ޖަލުގައި ހުރިއިރު ގައިދީއަކަށް ބިރުދެއްކި މައްސަލައެއްގެ ތުހުމަތު ވެސް އޭނާގެ މައްޗަށް އެބައޮތެވެ. ނަމަވެސް ލަމްހާގެ ދިފާއުގައި އޭނާގެ ވަކީލު ވިދާޅުވެފައި ވަނީ “ކޯޓަށް ހާޒިރުވުމަކީ ލަމްހާގެ މައްޗަށް އޮތް އަމުރަކަށްވާތީ، އެކަމަށް ފުލުހުންގެ ހުއްދަ ހޯދަން ނުޖެހޭނެ” ކަމަށެވެ.
އަދި ކޯޓަށް ހާޒިރުވުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މި މައްސަލަ ބެއްލެވި ގާޒީ ފުރަތަމަ ނިންމެވީ ލަމްހާ ގޭބަންދުގެ އަމުރުގެ ޝަރުތަކާ ހިލާފުވެފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ އެދުމުގެ މަތިން، ކޯޓަށް ހާޒިރުވާން ވެސް ފުލުހުންގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އަމުރު ބަދަލުކުރެއްވިއެވެ.
މި މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ މީހަކު މެރުމުގައި ބައިވެރިވުމާއި، މުދަލުގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމާއި، ހުއްދަ ނުނަގައި ކުރަންޖެހޭ ކަމެއް ކުރުމުގެ ދައުވާއެވެ.

