ތަހުގީގީ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރާއްޖޭގެ އެންމެހާ ކައުންސިލްތަކަށް އިލްތިމާސްކޮށްފިއެވެ.
އެލްޖީއޭއިން މިފަދައިން އިލްތިމާސްކޮށްފައިވަނީ، ގދ. ތިނަދޫ ކައުންސިލުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތަހުގީގަކަށް އެއްބާރުލުން ނުދޭކަމަށް ބުނެ އުފެދިފައިވާ މައްސަލައަކާ ގުޅިގެންނެވެ. ތިނަދޫ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، އޭސީސީގެ ނަމުގައި ބަޔަކު ކައުންސިލަށް ވަދެ، ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށާއި، މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ވަނީ ހުށަހަޅާފައެވެ.
މިއަދު އެލްޖީއޭއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، ހުރިހާ ގާނޫނުތަކަށް ކައުންސިލަރުން ތަބާވުމަކީ ގާނޫނުން ލާޒިމުކުރާ ކަމެއް ނަމަވެސް، ބައެއް ތަހުގީގީ އިދާރާތަކަށް ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާ ލިބެމުންދާކަން ފާހަގަކޮށްފައިވެއެވެ.
އެލްޖީއޭގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ތަހުގީގީ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި، އެ އިދާރާތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ކައުންސިލްތަކުން ހުރަސް ނޭޅުމަށެވެ. އަދި މީގެ އިތުރުން، އިދާރާތަކުން ކައުންސިލްތަކަށް އަންގާ އެންގުންތަކަށް ބޯލެނބުމަށްވެސް އެލްޖީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

