ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ތިލަދުއްމަތީ އުތުރުބުރީ އިހަވަންދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ފިސާރި އުފާވެރި އަދި އެހާމެ ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ.
އިހަވަންދޫއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އެރަށުގައި ޤާއިމްކުރެވޭ ގިނަ ޚިދުމަތްތަކެއް ފެށްޓެވުމަށް ހަމަޖައްސަވާފައެވެ. މިގޮތުން އެރަށުގެ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅުމާއި، އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތާއި ޕާސްޕޯޓު ޚިދުމަތް ފެށުން ހިމެނެއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމްއެއް ޤާއިމްކުރުމަށް ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުންވެސް ހިމެނެއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު ހުޅުއްވައިދެއްވުމަށްވެސް ހަމަޖައްސަވާފައެވެ. އަދި އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ހއ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ބައެކެވެ. އިހަވަންދޫއަކީ މި ދަތުރުފުޅުގައި ވަޑައިގަންނަވާ 7 ވަނަ ރަށެވެ. މި ދަތުރުފުޅުގައި އެއަތޮޅުގެ 10 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް މުއައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

