ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލައިފިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާން ކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެމްއާރުއެމް އުވާލުމަށް ނިންމާފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ 3،000 މެންބަރުންގެ އަދަދު ހަމަނުވާތީއެވެ. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ނިމުނުއިރު އެމްއާރުއެމްގެ ދަފްތަރުގައި ތިބީ އެންމެ 1،867 މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އުނައިސް ވިދާޅުވި ގޮތުގައި “ސިވިލް ކޯޓުގެ ހުކުމަށްފަހުވެސް މެންބަރުން ހަމަކުރަންޖެހޭ މުއްދަތުގައި މެންބަރުން ހަމަނުވާތީ” އެމްއާރުއެމް އުވާލުމަށް އަނެއްކާވެސް ނިންމެވީއެވެ. މީގެ ކުރިން އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސިވިލް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
އެމްއާރުއެމް އުވާލާފައިވާއިރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. ނަމަވެސް ޕީޕީއެމްގެ ދަފްތަރުގައި 12،174 މެންބަރުން ތިބިކަން ފާހަގަކުރެވެއެވެ. އެއީ ރާއްޖޭގައި 10،000 މެންބަރުން ހަމަވާ 4 ސިޔާސީ ޕާޓީގެ ތެރެއިން އެއް ޕާޓީއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމަށް އެންމެ މަދުވެގެން 3،000 މެންބަރުން ތިބުން ލާޒިމްކުރެއެވެ.

