ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) މިފަހަރު ފުވައްމުލަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިރާގުން ކުރި އިއުލާނުގައި ބުނެފައިވަނީ، މި ދުވުން ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ 2025 މެއި 2 ވަނަ ދުވަހުގައެވެ. އަދި މިއީ އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ދުވުމަށް ރަޖިސްޓްރީ ވުމުގ ފުރުސަތު ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް ދިރާގުން ހާމަކޮށްފައިވެއެވެ.
ދިރާގު ފުވައްމުލައް ރަން ލޯންޗުކުރުމުގެ ރަސްމިއްޔާތު މިއަދު ފުވައްމުލަކު ސިޓީގައި ބާއްވައިފިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ އަލީ ރިޔާޒު ވިދާޅުވީ، މިއީ ދިރާގުން ބާއްވާ ދުވުން މާލޭން ބޭރުގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ ދުވުމަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއް ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ ފުވައްމުލަކުގައި ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބޭއްވުމަކީ އެ ރަށަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ދުވުމުގެ ސަބަބުން ފުވައްމުލަކުގެ ރީތިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބި، އެ ސިޓީއަކީ ދިވެހި އަދި ބައިނަލްއަގުވާމީ ދުވުންތެރިންނަށް އެކަށޭނެ މަންޒިލެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ރަފީގު ވަނީ މި ދުވުމުގައި ބައިވެރިވުމަށް ރާއްޖޭގެ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދުވުންތެރިންނަށް ދައުވަތު އަރުވާފައެވެ. އަދި ދުވުމުގައި ބައިވެރިވުމަށް ރަށަށް ޒިޔާރާތް ކުރާ ދުވުންތެރިންނަށް މަރުޙަބާ ކިއުމަށް ތައްޔާރަށް ތިބި ވާހަކަ ވެސް ރަފީގު ވިދާޅުވިއެވެ.

