ހއ. އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްއެއް ބެހެއްޓުމަށް އެރަށު ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އިހަވަންދޫގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
އެއްބަސްވުމުގައި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލެވެ. އަދި އިހަވަންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަޙްމަދު ޞަބާޙެވެ.
ސަރުކާރުން މިހާރު ވަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް އަމާޒު ހިފާފައެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިސްލާމިކް ބޭންކާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހު ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށާފައެވެ.
އެމްއައިބީން ހާމަކުރި ގޮތުގައި، އެ ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން މި އަހަރު އިތުރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދެއެވެ. މި ރަށްތަކުގައި ޑޮލަރު އޭޓީއެމް ހިމެނޭ ގޮތަށް ޖުމުލަ 23 އޭޓީއެމް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އެމްއައިބީން ވަނީ ރ. އުނގުފާރު، ށ. ފުނަދޫ، ކ. މާލެ އަދި ގއ. ވިލިނގިލީގައި އައު ސޭލްސް ސެންޓަރުތަކެއް ޤާއިމްކުރުމަށް ނިންމާފައެވެ. މިއީ އެ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް އަޅަމުންދާ މުހިންމު ފިޔަވަޅުތަކެކެވެ.

