ރައީސް ޑރ. މުޢިއްޒު ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ފަހު މަންޒިލެއްގެ ގޮތުގައި ހއ. ހޯރަފުއްޓަށް ވަޑައިގެންފިއެވެ. މިއީ އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 8 ވަނަ ރަށެވެ.
ހޯރަފުށިން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ރައީސް މިރޭ ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ރަށުގައި ގާއިމުކޮށްފައިވާ ހާފްވޭ ހައުސް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ހޯރަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވާނެއެވެ.
ތިން ދުވަހުގެ މުއްދަތަށް ހއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި އެއަތޮޅުގެ 10 ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

