ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނުގެ ދަށުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި 25 މިލިޔަނަށްވުރެ ގިނަ ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ މިރޭ ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ބޭރު ފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މި ޤާނޫނު އެކުލަވާލާފައިވަނީ ރާއްޖޭގައި ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމުގެ މަޤްޞަދުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ ފާއިތުވި 14 މަހުގެ ތެރޭގައި އިޤްތިޞާދީ ގިނަ ކަންކަން ފަށައިގަނެފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ބޮޑު މަސައްކަތަކީ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ކުރެވުނު މަސައްކަތް ކަމުގައެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ގިނަ ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ޤާނޫނަށް ތަބާވެ ޢަމަލުކުރަމުންދެއެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 25 މިލިޔަނަށްވުރެ ގިނަ ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށާއި، އެއީ އެއް މަސް ދުވަހުގެ އަދަދު ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އަދި ވިދާޅުވީ މި ޤާނޫނު ރަނގަޅަށް ތަންފީޒުކުރައްވާނެ ކަމަށާއި އެއްވެސް ފަރާތެއް މި ޤާނޫނުން އިސްތިސްނާ ނުވާނެ ކަމަށެވެ.
“ގިނަ ރިސޯޓްތަކުން ތަބާވެ ޑޮލަރު މާރުކުރަމުންދަނީ. އަޅުގަނޑަށް ގަވަރުނަރު ދީފައިވާ އަޕްޑޭޓުގައި މިދިޔަ ހޯމަދުވަހުގެ ނިޔަލަށް 25 މިލިޔަނަށްވުރެ ގިނަ ޑޮލަރަށްވުރެ ގިނަ ޑޮލަރު މާރުކޮށްފައިވޭ. އެ ޤާނޫނު ރަނގަޅަށް ތަންފީޒްކޮށް އެއްވެސް މީހަކަށް އިސްތިސްނާ ނުދޭނަން. އެ ޤާނޫނުގެ ދަށުން ކޮންމެ ފަރާތެއްވެސް ޖެހޭނީ އެގޮތަށް އަކުރަން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވަނީ އެ ޤާނޫނު ތަންފީޒްވުމުން ރައްޔިތުންނާ ސަރުކާރަށް ފަސޭހަތަކެއް ހުންނާނެކަމަށް ވިދާޅުވެފައެވެ. އެއާއެކު، ކުރިއަށް އޮތް އަހަރު ގިނަ ކަންކަން ރައްޔިތުންނަށް ފަހިވާނެކަމަށާއި، ޚާއްޞަކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ކިޔަވާ ކުދިންނަށް ފައިދާކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފާއިތުވި އެއް އަހަރު ދުވަހަކީ އިޤްތިޞާދީ ދަތި އުނދަގޫތަކާ ކުރިމަތިލީ އަހަރެއްނަމަވެސް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވިގޮތަށް މިހާތަނަށް ފައިސާ ޗާޕުކޮށްފައި ނުވާނެކަމަށެވެ. އެކަން ނުކުރުނީ އިތުރަށް ރާއްޖޭގެ އިޤްތިޞާދު ހަލާކުވިޔަ ނުދިނުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ޤާނޫނުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ދަތިކަން ކޮންމެވެސް ވަރަކަށް ލުއިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. އަދި މީގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް އިޖާބީ ބަދަލުތަކެއް އަންނާނެ ކަމަށްވެސް ބެލެވެއެވެ.

