ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށްވާ އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހއ. ހޯރަފުށީގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވަނީ އިޤްތިޞާދީ ފުރުޞަތުތައް ތަނަވަސްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭއަކީ އުންމީދު ބޮޑު މަޝްރޫޢުއެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެ މަޝްރޫޢުގެ ގިނަ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް ވިދާޅުވެފައެވެ.
“އަޅުގަނޑުމެން ކަންކަންކުރާނީ ހަގީގީ މާނާގައި ޑެލިވަރީކޮށް ނަތީޖާ ނެރުމަށް. އިރާދަކުރެއްވިއްޔާ މިސަރަހައްދަށް މިރާއްޖެއަށް ވަރަށް ބޮޑު ފައިދާއެއްކުރާނެ މަޝްރޫޢުއަކަށް މިކަންކަމީ އަޅުގަނޑު ޔަޤީންކުރާކަމެއް.” ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުއާއެކު ހޯރަފުށީ ސަރަހައްދަށާއި، ޖުމްލަކޮށް މުޅި ރާއްޖެއަށް ގިނަ ވަޒީފާގެ ފުރުޞަތުތަކެއް ފަހިވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓުގެ ތެރޭގައި ބައިނަލްއަޤްވާމީ ޕޯޓު ފެމީ ޕޯޓު ފެސިލިޓީތަކާއި، ބޯޓު މަރާމާތުކުރުމުގެ ޚިދުމަތާއި، ބަންކަރިންގ ޚިދުމަތާއި، ކުރޫޒު ޓޫރިޒަމެއް ތަރައްޤީކުރުމާއި ފަތުރުވެރިކަމާއި ގުޅުންހުރި އިތުރު މަސައްކަތްތަކާއި، ރިއަލް އެސްޓޭޓުގެ ވިޔަފާރިއާއި، އެކްސްޕޯޓު ޕްރޮސެސިންގ ޒޯނެއްވެސް ތަރައްޤީކުރުން ހިމެނެއެވެ.
މި މަޝްރޫޢުއަކީ ރާއްޖޭގެ އިޤްތިޞާދަށް އައު ދޮރުތަކެއް ހުޅުވައިދޭނެ، އަދި ރާއްޖޭގެ އުތުރުގެ ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢުއެއްކަމަށް ބެލެވެއެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުޤުވެރިވުން އިތުރުވާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
މެރިޓައިމް ޚިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭގޮތަށް އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” އިންޓަގްރޭޓަޑް މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރއެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

