ރައްޔިތުން އެދޭ ކަންކަން ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެމަނިކުފާނު އެގޮތުގައި ހުންނަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވެއްޖެއެވެ. މެންބަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މެންބަރު އަލީ މޫސާ ވިދާޅުވީ ރައީސް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުން، ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް އެމަނިކުފާނު އިސްކަންދެއްވާކަން ހާމަވާކަމަށެވެ. އަދި ރާއްޖޭގެ އިޖުތިމާޢީ ފޭރާން ރަނގަޅުކުރުމަށް ޒަމާންތަކެއް ވަންދެން ހައްލު ނުލިބި ހުރި ކަންކަން ހައްލުކުރައްވަމުން ގެންދަވާކަމަށްވެސް ފާހަގަކުރެއްވިއެވެ.
"ބޭއަދަބީ ސައިޓުތައް މަނާކުރުމާއި ވޭޕު މަނާކުރުމަކީ ފާހަގަކުރެވޭ މުހިންމު ފިޔަވަޅުތަކެއް،" މެންބަރު އަލީ މޫސާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން، މެންބަރު އަލީ މޫސާ ވިދާޅުވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިޞާދު އޮތީ ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓިފައި ކަމަށެވެ. ނަމަވެސް ފައިސާ ޗާޕުނުކޮށް އެމަނިކުފާނު ގެންދަވަނީ އިގްތިޞާދު ކުރިއަރުވަމުން ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޮރިން އެކްސްޗޭންޖް ޤާނޫނެއް ފާސްކޮށްފައިވާކަން ފާހަގަކޮށްލަން،" މެންބަރު އަލީ މޫސާ ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

