ހެމަރޮއިޑްސް ނުވަތަ ޕައިލްސްއަކީ ފުރަގަސްފަރާތުގެ ވަށައިގެން ދުޅަވެފައި ހުންނަ ހުރުމެކެވެ. މިއީ ވަރަށް ގިނަ ބަޔަކަށް ދިމާވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އިނގިރޭސިވިލާތުގެ އާބާދީގެ 50% މީހުންނަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި މި ބައްޔަށް ކުރިމަތިލާ ބައެކެވެ.
ޕައިލްސްގެ ބާވަތްތަކާއި ޢަލާމާތްތައް
ޕައިލްސް، ފުރަގަސްފަރާތުގެ އެތެރެ އަދި ބޭރުގައިވެސް އުފެދިދާނެ އެވެ. އަދި "އޭނަލް ކެނަލް" ގައިވެސް އުފެދިދާނެއެވެ. މިއީ "އޭނަލް ކެނަލް" ގެ ވަށައިގެން ހުންނަ ލޭނާރުތައް ފުޅާވެ، ލެއާއެކު ފުފިގެން އުފެދޭ ކަމެކެވެ. މި ބަލީގެ މައިގަނޑު ޢަލާމާތްތަކުގެ ތެރޭގައި:

ޕައިލްސްއަކީ ފަރުވާ ހޯދަންޖެހޭ ޖިސްމާނީ އުނދަގުލެކެވެ/ ފޮޓޯ: ޝަޓަސްޓޮކް
- ފުރަގަސްފަރާތުން ލޭއައުން، ދޮސްއައުން
- ބޮޑުކަމުދާއިރު ފުރަގަސްފަރާތުގައި ރިއްސުން
- އިށީނދެ އިނުމަށް އުނދަގޫވުން
- ބޮޑުކަމުދިޔުމަށްފަހު އަދިވެސް ދާންޖެހޭކަމުގެ އިޙްސާސް
ޕައިލްސްއަށް މަގުފަހިވާ ސަބަބުތައް
މި ބައްޔަށް މަގުފަހިވާ މައިގަނޑު ސަބަބަކީ، ބޮޑުކަމުދާއިރު، ނުވަތަ އެހެންވެސް ބައެއް ހާލަތްތަކުގައި ފުރަގަސްފަރާތަށް ބޮޑަށް ބާރުލުން ކަމަށް ސިއްޙީ މާހިރުން ލަފާކުރެއެވެ. މީގެ އިތުރުން، ގިނަ ވަގުތު އިށީނދެ އިނުމާއި، ފައިބަރު މަދު ކާނާ ކެއުން، ފެނާއި ދިޔާތަކެތި ބޭނުންކުރެވޭ މިންވަރު މަދުވުން ހެލިފެލިވެ ނޫޅޭ ކަސްރަތު ނުކުރުމާއި، އަދި ބަނޑުހިކުމުގެ މައްސަލަ ހިމެނެއެވެ.
ގޭގައި ދެވިދާނެ ފަރުވާ
ޕައިލްސްގެ އުނދަގޫތަކަށް ގޭގައި ތައްޔާރުކޮށްގެން ބޭނުންކުރެވިދާނެ ޚާއްޞަ ބައެއް ފަރުވާ ތިރީގައި މިވަނީއެވެ.
ބޭނުންވާ ތަކެތި:
- 6 ލޮނުމެދު
- 50 މިލިލީޓަރ ކިރު
- 1 ސަމްސާ މާމުއި
- ސާފު ކަފަގަނޑެއް، މާބޮޑުނޫން
ތައްޔާރުކުރާނެ ގޮތް:
- ގާނާފައިވާ ލޮނުމެދާއި، ކިރު އަދި މާމުއި ތަވައަކަށް އަޅައި، މަޑުގިނީގައި ކައްކާލާށެވެ.
- ތައްޔާރުކުރި ޕޭސްޓް މަތިޖެހި ތައްޓަކަށް އަޅާ، ފްރިޖުގައި ގަޑިއެއްހާއިރު ވަންދެން ބަހައްޓައި، ފިނިކޮށްލާށެވެ.
- ސާފު ކަފަގަނޑަކަށް 1 ސަމްސާ އަޅައި، 20-30 މިނެޓް ވަންދެން ފުރަގަސްފަރާތު ދުޅަވެ، ފައިބާފައި ހުރި ތަނުގައި އަޅާށެވެ.

ޕައިލްސްއަކީ ފަރުވާ ހޯދަންޖެހޭ ޖިސްމާނީ އުނދަގުލެކެވެ/ ފޮޓޯ: ޝަޓަސްޓޮކް
ފަރުވާގެ ފައިދާތައް
ލޮނުމެދާއި މާމުއިއަކީ ފައިދާހުރި، ގޭތެރެއިން ފަސޭހައިން ލިބޭނެ ތަކެއްޗެވެ. މި ފަރުވާއިން ވޭން ކެނޑި، ތާޒާކަން ލިބިގެންދާނެއެވެ. ޚާއްޞަކޮށް މާބަނޑު އަންހެނުންނަށް، ބޭސްފަރުވާގެ ބަދަލުގައި މި ގޮތަށް ގޭގައި ތައްޔާރުކޮށްގެން ބޭނުންކުރެވިދާނެ ރައްކާތެރި ފަރުވާއެކެވެ.
ބޭނުންވާ ތަކެތި
- 2 ސަމުސާ އެޕްސަމް ސޯލްޓް
- 2 ސަމުސާ ގުލިސަރިން
- މަޑު ފޮތިކޮޅެއް
ފަރުވާ ތައްޔާރުކުރާނެ ގޮތް
- އެޕްސަމް ސޯލްޓާއި ގްލިސަރިން ރަނގަޅަށް އެއްކޮށްލާށެވެ. (ކްރީމެއްގެ ސިފަ އަންނަންދެން)
- ތައްޔާރުކުރެވުނު ކްރީމް މަޑު ފޮތިކޮޅެއްގައި ލައްވާށެވެ.
- ފުރަގަސްފަރާތުގެ ދޮރުގައި ޖައްސާ ހަރުލައްވާށެވެ.
- 30 މިނެޓް ވަންދެން ބަހައްޓާށެވެ.
- ރަނގަޅަށް ދޮވެލާށެވެ.
މި ފަރުވާ 3 ދުވަސް ވަންދެން ދުވާލަކު 2 ފަހަރު ކުރަންވާނެއެވެ. ބަލީގެ ކުރީކޮޅުގައި މި ފަރުވާ ފަށައިފިނަމަ، އިރާދަކުރެއްވިއްޔާ މުޅިން ރަނގަޅުވާނެއެވެ.

ޕައިލްސްއަކީ ފަރުވާ ހޯދަންޖެހޭ ޖިސްމާނީ އުނދަގުލެކެވެ/ ފޮޓޯ: ޝަޓަސްޓޮކް
އިތުރު ފަރުވާއެއް
ފެންވަރާ ބިލިގާ، ނުވަތަ ބާތުޓަބަށް 3-4 އިންޗި ވަރަށް ހޫނު ފެން އަޅައި އޭގައި އިށީނުމުން ހޫނުގެ އަސަރު ކުރާ މިންވަރަށް ހޫނުކަން ބަހައްޓާށެވެ. މާބޮޑަށް ހޫނުވުން ނުވަތަ މާބޮޑަށް ތާފަނާ ވުންވެސް ކަމަކުނުދާނެއެވެ.
15 މިނެޓް ވަންދެން ފުރަގަސްފަރާތު ހިސާބު ފެނުގައި ބަހައްޓާށެވެ. (ފެނަށް ސައިބޯނި، ބަބަލް ބާތް ނުވަތަ އެނޫންވެސް އެއްވެސް އެއްޗެއް އިތުރު ނުކުރާށެވެ.)
ފަރުވާ ނިމުމުން، ފުރަގަސްފަރާތު ހިސާބު މަޑުމަޑުން ހިއްކާލާށެވެ.
ދުވާލަކު 3 ފަހަރު މި ފަރުވާ ދެވިދާނެއެވެ.
ސަމާލުކަން ދީގެން އިތުރަށް ކުރެވިދާނެ ކަންތައްތަކެއް؛
މި ފަރުވާގެ އިތުރުން އަންނަނިވި ކަންތައްތައް ކުރުން މުހިންމެވެ:
- ގިނަގިނައިން ދިޔާ ތަކެތި ބުއިން
- ފައިބަރު އެކުލެވޭ ކާނާ ކެއުން
- ކަސްރަތު ކުރުން
- ތާފަނާ ފެނުން ފެންވެރުން

ޕައިލްސްއަކީ ފަރުވާ ހޯދަންޖެހޭ ޖިސްމާނީ އުނދަގުލެކެވެ/ ފޮޓޯ: ޝަޓަސްޓޮކް
ސަމާލުވާންވީ ކަންތައްތައް
އެޕްސަމް ސޯލްޓަކީ ބޭސްފިހާރަތަކުން ލިބެން ހުންނަ ބާވަތެއްގެ ލޮނެވެ. އަދި ގުލިސަރިންއަކީ އޮލަކޮށް ހުންނަ، ކުލަ ނެތް، ކުޑަ ފޮނިރަހަ ލާ ބޭހެކެވެ. މި ދެ ބާވަތް ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ސަމާލުވާންވާނެއެވެ.
ޕައިލްސްއަކީ ފަރުވާ ހޯދަންޖެހޭ ޖިސްމާނީ އުނދަގުލެކެވެ. ނަމަވެސް ގޭގައި ތައްޔާރުކުރެވޭ މިފަދަ ގުދުރަތީ ފަރުވާތަކަކީ ވަގުތީ ލުޔެއް ހޯދުމަށް ބޭނުންކުރެވިދާނެ ރަނގަޅު ގޮތްތަކެކެވެ. އެހެންނަމަވެސް، ދާއިމީ ޙައްލެއް ހޯދުމަށް ޞިއްޙީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.

