ހއ. ހޯރަފުށީގައި ފުޓްސެލް ދަނޑަކާއި ހޭންޑްބޯޅަ ކޯޓެއް ހިމެނޭގޮތަށް ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިހާރު ހއ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ދަތުރުފުޅުގައި ހޯރަފުށީ ކައުންސިލާ ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެރަށުގައި ފުޓްސެލް ދަނޑަކާއި ހޭންޑްބޯޅަ ކޯޓެއް ތަރައްގީކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށަށް ފުޓްސެލް ދަނޑެއްގެ މުހިންމުކަން ބޮޑުކަން ފާހަގަކުރައްވައި، މި ދެ ވަސީލަތް ގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެއްގެ ގޮތުގައި ހިމެނޭ ކަމެއް ކަމަށްވާއިރު، މި މަޝްރޫޢުގެ ދަށުން ހޯރަފުށީގެ ޒުވާނުންނަށް ކުޅިވަރުކުޅުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

