މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ 29 ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް 200،241 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11 އިންސައްތައިގެ ކުރިއެރުމެކެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މިއީ ޖަނަވަރީ މަހެއްގައި ރާއްޖެއަށް ޒިޔާރަތްކުރި އެންމެ ގިނަ ފަތުރުވެރިންގެ އަދަދެވެ. މީގެ ކުރިން ޖަނަވަރީ މަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ކަމަށާއި، އެއީ 192،385 ފަތުރުވެރިންނެވެ.
މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.7 އިންސައްތަ، ނުވަތަ 130،000 އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 49،000 އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 8،900 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. މިދިޔަ އަހަރު ރާއްޖެއަށް ޖުމުލަ 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 2025 ވަނަ އަހަރަށް ސަރުކާރުން އަމާޒު ހިފާފައިވަނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.

