ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. މޮޅަދުއަށް ވަޑައިގެންފިއެވެ. މިއީ އެމަނިކުފާނު މި ދަތުރުފުޅުގައި ހއ. އިން ޒިޔާރަތްކުރައްވާ 9 ވަނަ ރަށެވެ.
މޮޅަދޫއަށް ރައީސް ވަޑައިގެންނެވުމުން އެ ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މޮޅަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އަދި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅުގައި ފާހަގަކޮށްލެވޭނެ އެއް ކަމަކީ މޮޅަދޫގެ ރައްޔިތުންނާއެކު ބޭއްވޭ ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އެ ރަށުގައި ގާއިމުކުރުމަށް ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރެވުމެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ މުހިންމު ޚިދުމަތެއްކަން ފާހަގަކުރެވެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

