އައްޑޫ ސިޓީގެ ހަންކެޑެ ބުރިޖު އަންނަ ހޮނިހިރު ދުވަހު އާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާވެށި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
1.4 ކިލޯމީޓަރުގެ މި ބުރިޖަކީ އައްޑޫ ސިޓީގެ ހިތަދޫއާއި މަރަދޫ ގުޅުވައިދޭ، 4 ލޭނަށް ތަރައްޤީކޮށްފައިވާ ބުރިޖެކެވެ. މި ބުރިޖުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
ހަންކެޑެ ބުރިޖުގެ މަޝްރޫޢަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ބުރިޖުގެ ޢަމަލީ މަސައްކަތް ނިންމައި، ދިވެހި ސަރުކާރާ މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައެވެ.
އިމާރާތްކުރުމާއި ބިނާވެށި ބެހޭ ވުޒާރާއިން ކުރިން ހާމަކުރި ގޮތުގައި، މަގު އާންމުންނަށް ހުޅުވާނުލެވި ލަސްވެފައިވަނީ އިތުރު ޓެކްނިކަލް ސަރވޭތަކެއްގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ސަބަބުންނެވެ. މަގު ހުޅުވާލުން ލަސްވުމާ ގުޅިގެން ސިޓީ ކައުންސިލާއި ރައްޔިތުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ހަންކެޑެ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލުމާއެކު، މިހާރު ހަންކެޑެ ހުރަސްކޮށް ބޭނުންކުރާ ލިންކް ރޯޑުގެ އެ ސަރަޙައްދު އާންމު ދަތުރުފަތުރަށް ބަންދުކުރާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
އައްޑޫ ސިޓީގެ އެތެރޭގެ މަގުތައް ހިމެނޭހެން މުޅި މަޝްރޫޢަށް 1.19 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ.
ހަންކެޑެ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމަށެވެ. މިގޮތުން ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ބިންގާވެސް އަޅާފައިވެއެވެ. މި މަޝްރޫޢަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މިހާތަނަށް ފެށި އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. މި މަޝްރޫޢު ނިމިގެން ދާއިރު އައްޑޫ ސިޓީގައި 2,082 އެނދު ހިމެނޭގޮތަށް 1,041 ކޮޓަރި ތަރައްޤީ ކުރެވޭނެއެވެ.
މި މަޝްރޫޢުގެ ތެރެއިން ތަޢާރަފް ކުރެވޭ ތަފާތު ގިންތީގެ ހޮޓެލްތަކުގެ ތެރޭގައި 2 ގްރޭންޑް، 2 ޑިލަކްސް، އަދި 10 ބުޓީކް ހޮޓެލް ތަރައްޤީ ކުރެވޭނެއެވެ. އަދި 64 ސަރވިސްޑް އެޕާރޓްމަންޓް ތަކުގެ އިތުރުން، 7 ބީޗް ވިލާވެސް މިމަޝްރޫޢު ތެރޭގައި ހިމެނެއެވެ..

