ހއ. އުލިގަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް މެޝިން ބެހެއްޓުމަށް އެރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއި ކުރެވިފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުލިގަމު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފެވެ. އަދި އުލިގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހުމަދު މުއާޒު މުހައްމަދެވެ. މި ސޮއިކުރުން ކުރިއަށް ގެންދެވިފައިވަނީ ރައީސް ޑރ. މުއިއްޒު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ސަރުކާރުން އިފްތިތާހުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން އޭޓީއެމް ހެދުމަށް ބީއެމްއެލްއިން ވަނީ އިޢުލާންވެސް ކޮށްފައެވެ.
މިވަގުތު ރާއްޖޭގައި ބީއެމްއެލްގެ 190 އޭޓީއެމް ގާއިމު ކުރެވިފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމު ކުރުމަކީ ބީއެމްއެލްގެ އަމާޒެއް ކަމުގައި އެ ބޭންކުން ބުނެއެވެ. އަދި މި އަހަރު ނިމެންވާ އިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެއްކަން ފާހަގަ ކޮށްލެވެއެވެ.

