ހއ. އުލިގަމުގެ ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުލިގަމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އަދަމް ޝަރީފް ޢުމަރެވެ.
މި މަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރާގޮތަށް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އުލިގަމުގެ ކައުންސިލް އިދާރާގެ މަސައްކަތް ހިމެނިފައިވަނީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢުގެ ތެރޭގައެވެ.
މި ޕްރޮޖެކްޓްގެ މަސައްކަތްތައް ނިންމުމަށް ކަނޑައަޅާފައިވަނީ 2 އަހަރާއި 6 މަސްދުވަހުގެ މުއްދަތެކެވެ. މި އިމާރާތްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، އަދި ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންގެ މަސައްކަތްތަކަށް ފަހިވާނެ ގޮތަށް ވަސީލަތްތައް ހަމަކޮށް ފަރުމާކުރެވޭ އިމާރާތްތަކެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ސަރުކާރުން މިހާތަނަށް ޖުމްލަ 105 ރަށެއްގައި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމަށް އިޢުލާނު ކޮށްފައިވާކަމެވެ.

