ކުރިއަށް 6 މަސް ތެރޭ ހއ އުލިގަމު ޔޮޓެމެރީނާ ގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހއ. އުލިގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މިއަހަރުގެ ބަޖެޓުގެ ތެރެއިން އުލިގަމުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ކަނޑައަޅައި ޕްލޭންކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އައު ސިއްޙީ މަރުކަޒެއް އެޅުމާއި، ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި، ކުނި މެނޭޖްކުރުމުގެ ސެންޓަރެއް ޤާއިމްކުރުން ހިމެނެއެވެ.
ރައީސް ވިދާޅުވީ، އުލިގަމަކީ ޒަމާނުއްސުރެ ގިނަ ޢަދަދެއްގެ ޔޮޓުތައް އަންނަ ރަށެއްކަމުން، ކުރިއަށް އޮތް 6 މަސް ތެރޭގައި ފުރިހަމަ ޔޮޓް މެރީނާއެއް ޤާއިމްކުރުމަށް އެމްޕީއެލުން ފަށައިގަންނަން ތައްޔާރުވެފައިވާ ކަމަށެވެ. އަދި ދެމަހެއްހާ ދުވަސްތެރޭގައި ސްޕޯޓްސް ފިޝިން ބޮއިއެއްވެސް ޤާއިމްކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ސިޔާސަތަކީ އާބާދީ ކުދި ރަށްރަށްވެސް ހަމަހަމަކަމާއެކު ތަރައްޤީކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިދިޔަ ސަރުކާރުގެ ދައުރުގައި މަޝްރޫޢުތައް ހަވާލުކުރުމުގައި ގެންގުޅުނު އުސޫލުގެ ސަބަބުން ގިނަ މަޝްރޫޢުތައް ވަނީ ހުއްޓިފައެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ވަނީ އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން، ކުރީގެ އެއްބަސްވުންތައް ބާޠިލުކުރުމާއި، އަލުން މަޝްރޫޢުތައް ރޭވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

