އިމިގްރޭޝަނުން އެމެރަލްޑް ރިސޯޓަށް ޒިޔާރަތްކުރާނެކަން އެނގުމާ ގުޅިގެން، އެ ރިސޯޓުން ފިލައިގެން ރ. މަޑުއްވަރިއަށް ދިޔަ 60 ބިދޭސީން ވަނީ ހޯދައި އަނބުރާ ރިސޯޓަށް ފޮނުވާލައިފައެވެ.
މި މައްސަލައިގައި ފުރަތަމަ ދުވަހު 19 ބިދޭސީން ހޯދައި ރިސޯޓަށް ފޮނުވާލެވުނު އިރު، ފުލުހުންގެ އެހީތެރިކަމާއެކު ބާކީ ތިބި 41 ބިދޭސީންވެސް ވަނީ ހޯދައި ރިސޯޓަށް ފޮނުވާލެވިފައެވެ.
މަޑުއްވަރީގައި ކުރިއަށްގެންދިޔަ "ކުރަނގި" އޮޕަރޭޝަންގެ ދަށުން ބިދޭސީންގެ ލިޔެކިޔުންތައް ޗެކްކުރިއިރު، ގިނަ ބިދޭސީންނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ މީހުންކަން ވަނީ ފާހަގަކުރެވިފައެވެ. އެމެރަލްޑް ރިސޯޓަކީ މީގެ ކުރިންވެސް ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅޭ ތަނެއްކަން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރަކު 5,000 އަށްވުރެ ގިނަ ބިދޭސީން ޑިޕޯޓްކުރެވޭއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އަދިވެސް ޙައްލުނުވެ އޮތް ބޮޑު މައްސަލައެކެވެ.
މި މައްސަލަ ޙައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭއިރު، ބައެއް ވަޒީފާދޭ ފަރާތްތަކުން އަދިވެސް ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭކަން ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

