ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން މިއަހަރުން ފެށިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ގިނަވެގެން ދެވޭނީ 90،000 ރުފިޔާކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު އަންގައިފިއެވެ.
ޕީސީބީން މިއަދު ނެރުނު ސަރކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އައު އުސޫލަކީ އިޤްތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެކެވެ. މި ފިޔަވަޅު ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏަކަށް ހިނގާނެއެވެ. ނަމަވެސް ކުންފުނިތަކުގައި މަސައްކަތްކުރާ ޓެކްނިކަލް މުވައްޒަފުންނަށް މި އުސޫލު ނުހިނގާނެއެވެ.
މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމެވި ނިންމެވުމެއްކަމަށް ޕީސީބީން ފާހަގަކޮށްފައިވެއެވެ. އަދި މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް މި އުސޫލަށް އަމަލުކުރަން ޖެހޭނެއެވެ.
ކުންފުނިތަކުގައި ހިމެނޭ ރާއްޖެއިން ބޭރުގެ ޑިރެކްޓަރުން މި އުސޫލުން އިސްތިސްނާވާނެ ކަމަށް ޕީސީބީން ބަޔާންކޮށްފައިވެއެވެ. އަދި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ޓެކްނިކަލް މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް 90،000 ރުފިޔާއަށްވުރެ އިތުރުވާނަމަ، އިތުރުވާ ބައި އުނިކުރަންޖެހޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. މީގެ ކުރިން ވެސް ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ނިންމަވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ މުސާރައިން 50 ޕަސެންޓް އުނިކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

