ސުވީޑަންގައި 2023 ވަނަ އަހަރު އެކި ފަހަރު މަތިން ޤުރުއާން އަންދާލި ކްރިސްޓިއަން ދީނަށް ނިސްބަތްވާ އިރާޤުގެ ސަލްވާން މޮމިކާ ބަޑިޖަހައި މަރާލައިފިއެވެ. މި މަރުގެ ހާދިސާ ހިނގާފައިވަނީ އޭނާގެ މައްޗަށް ނަސްލީ ފިތުނަ އުފެއްދުމުގެ ދަޢުވާއާމެދު ގޮތެއް ނިންމުމަށް އޮތް ކޯޓު އަޑުއެހުމުގެ ކުރިންނެވެ.
ފުލުހުން ބުނާ ގޮތުގައި މޮމިކާ މަރުވެފައިވަނީ އޭނާ ދިރިއުޅުނު ސޯދަރްތާލްޖެ ސިޓީގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި އިމާރާތެއްގެ އެތެރޭގައެވެ. މި މައްސަލައިގައި މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލަ ތަޙުޤީޤުކުރަމުން ގެންދަނީ ޕްރޮސެކިއުޓަރުންނާއި ސެކިއުރިޓީ ސަރވިސްގެ އެހީތެރިކަމާއެކުގައެވެ.
2018 ވަނަ އަހަރު އިރާޤުން ސުވީޑަނަށް ހިޖުރަކުރި މޮމިކާ، އޭނާގެ ޤުރުއާން އަންދާލުމުގެ އިހުތިޖާޖުތައް ހިމާޔަތް ކުރުމަށް އަމިއްލަ ދިފާއުގައި ވަކާލާތުކޮށްފައިވަނީ ޤުރުއާނަކީ ޑިމޮކްރަސީއަށާއި، އިންސާނީ ޙައްޤުތަކަށާއި އަންހެނުންގެ ޙައްޤުތަކަށް ނުރައްކަލެއް ކަމަށް ބުނެއެވެ. ސުވީޑަންގެ އިދާރާތަކުން އޭނާގެ މުޒާހަރާތައް ހުއްޓުވަން މަސައްކަތްކުރި ނަމަވެސް، ސްޓޮކްހޯމްގެ އިސްތިއުނާފު ކޯޓުން ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އެކަން ހުއްދަކޮށްފައެވެ.
މޮމިކާގެ ޢަމަލުތަކާ ގުޅިގެން ބަޣުދާދުގައި ހުންނަ ސުވީޑަންގެ އެމްބަސީގައި ދެފަހަރު ހަމަނުޖެހުން ހިނގައި، ސިޔާސީ އަދި ދައުލަތުގެ އެތެރޭގެ ބޮޑު ކޯޅުމަކަށް ދިޔައެވެ. އަދި މުސްލިމް ގައުމުތަކުގައި ގިނަ މުޒާހަރާތަކާއި ފާޑުކިޔުންތައް ކުރިމަތިވިއެވެ. މަރުވުމުގެ ކުރިން މޮމިކާ ވަނީ އެމެރިކާގައި ހިމާޔަތް ހޯދުމަށް މަސައްކަތްކުރަމުން ގެންގޮސްފައެވެ.

