މަކިޓާ ބްރޭންޑުގެ ފޭކު އުފެއްދުންތަކެއް ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާތީ، އެކަމަށް ސަމާލުވުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
އެސްޓީއޯއިން މިއަދު ނެރުނު ޕަބްލިކް އެޑްވައިޒަރީގައި ބުނީ، މަކިޓާގެ ފޭކު އުފެއްދުންތައް ބާޒާރުގައި ދައުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ އުފެއްދުންތަކަކީ ކަސްޓަމަރުންނަށް އޭގެ ބޭނުން އެދެވޭ ގޮތުގައި ހިފޭނެކަމުގެ ޔަގީންކަމެއް ނެތް، އަދި ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނެތް އުފެއްދުންތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
މަކިޓާއަކީ ގިނަ ބައެއްގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ ބްރޭންޑެއް ކަމަށާއި، އެ ބްރޭންޑުގެ އުފެއްދުންތަކުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެ ކުންފުނިން މަކިޓާގެ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާ، ފެންވަރު ރަނގަޅު އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަތާ އެތައް އަހަރެއްވެއްޖެއެވެ.
އެސްޓީއޯގެ އިސްވެރިޔަކު ވިދާޅުވި ގޮތުގައި، “މަކިޓާ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށް އެ ކުންފުނީގެ ސާވިސް ސެންޓަރުން އާފްޓާ ސޭލްސް ހިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯ އިން ނުވަތަ އެ ކުންފުނިން ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ގަންނަ މަކިޓާގެ އުފެއްދުންތަކަށް އެކަނިކަން،” ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މަކިޓާގެ ފޭކު އުފެއްދުންތަކާމެދު ސަމާލުވުމަށާއި، އުފެއްދުންތަކުގެ އަސްލުކަން ކަށަވަރުކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެސްޓީއޯ މަކިޓާ ޝޯރޫމަށް ދިއުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

