އީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ވަނީ މާލެ ވަޑައިގެންފައެވެ. އަންގާރަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި އެ އަތޮޅުގެ 10 ރަށަކަށް ޒިޔާރަތްކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގައި ރައީސް، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ރައްޔިތުންގެ ހާލު ބެއްލެވުމަށް ރަށްރަށަށް ވަޑައިގެން، އެ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން އޮޅުންފިލުއްވައި، ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް އެކިއެކި މުއައްސަސާތަކާއި އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވިއެވެ.
މީގެއިތުރުން، މި ދަތުރުފުޅުގައި އެ އަތޮޅުގެ އެކި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ފައްޓަވައިދެއްވައި، ބައެއް ރަށްރަށުގައި ޤާއިމުކޮށް ނިމިފައިވާ ޚިދުމަތްތައް، ރައީސާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި މަތީ ފަންތީގެ ވަފުދުގެ މަންދޫބުން ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ.

