ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މާލޭގެ ޓްރާންސްފޯމަރަކުން ވައްކަންކުރަނިކޮށް ހައްޔަރުކުރިި މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ،
ޓްރާންސްފޯމަރުން ވައްކަން ކުރަނިކޮށް ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވަނީ މާލެ، މާފަންނު، ރޫބީ، ހުސައިން ނިޔާޒް (36 އަހަރު) ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ ހުސައިން ނިޔާޒް ހައްޔަރުކުރެވިފައިވަނީ މިއަދު މެންދަމު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅެނިކޮށް ކަމަށެވެ. ސީސީޓީވީ ކެމެރާއިން، މަންޒަރު ފެނުމުން ސްޓެލްކޯއިން ވަނީ ފުލުހުންނަށް އަންގާފައެވެ. އަދި މި މަޢުލޫމާތާ އެކު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
ފާއިތުވި މަސްތަކުގައި ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަންކުރުމާއި ގެއްލުންދިނުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މި ގޮތުން މި މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގެ ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުމުން ސްޓެލްކޯގެ މުވައްޒަފުންތަކަކަށް ހަމަލާދީ މާރާމާރީ ހިންގި ހާދިސާއެއް ވެސް ވަނީ ހިނގާފައެވެ.
މިފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ސްޓެލްކޯ ގުޅިގެން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

