ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނަ ގޮތުގައި ބެލެހެއްޓުމުގެ ކޯހެއް ފަރުމާކޮށް، އެ ކޯހުގެ ތަމްރީނު ދިނުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ (އެމްއެމްއީ) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެންދެރި މަޝްރޫޢުގެ ދަށުން ވެވުނު މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ތިމާވެއްޓާއި، އިޖްތިމާއީ އަދި އިދާރީ ހިންގުމުގެ ޚާއްސަ ސިފަތަކަށް ބައްޓަންކޮށްގެން ކޯހެއް ފަރުމާކުރުން ކަމަށް އެމްއެމްއީން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން، ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނަ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ލިބިފައިވާ މީހުން އުފެއްދުމަކީވެސް މި އެއްބަސްވުމުގެ މުހިންމު މަގްސަދެކެވެ.
އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް އެންމެ ފުރަތަމަ ފަށާނީ ލ. އަތޮޅުގައެވެ. މި ކޯހުގައި ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޒީ މަސައްކަތް، އިޖްތިމާޢީ ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުން، އަސާސީ ކޮމްޕިއުޓަރުގެ މަސައްކަތް އަދި ނިޔަމިކަމުގެ މާއްދާތައް ހިމެނޭނެއެވެ. އަދި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ނިޔަމި ކޯހުގެ ސެޓްފިކެޓް 2 ލިބޭނެ ކަމަށްވެސް އެމްއެމްއީން ހާމަކޮށްފައިވެއެވެ.
މި އެއްބަސްވުމުގައި އެމްއެމްއީގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ޒާހިރެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.

