ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. ހިއްމަފުށީގައި އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިރުގެ ދައުރުވުމާއެކު ހަރަކާތްކުރާ ޒަމާނީ ސޯލާ ފޮޓޯވޯލްޓެއިކް ނިޒާމެއް ޤާއިމުކުރަން ފަށައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވި ގޮތުގައި، މި އިންޤިލާބީ ނިޒާމަކީ މިހާރު އާންމުކޮށް ބޭނުންކުރާ ސޯލާ ނިޒާމުތަކާ އަޅާބަލާއިރު 75 އިންސައްތަ އިތުރަށް ހަކަތަ އުފައްދާ ނިޒާމެކެވެ. "މިއީ ރާއްޖޭގައި މިފަދަ ނިޒާމެއް ޤާއިމުކުރެވޭ ފުރަތަމަ ފަހަރު،" އޭނާ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢަކީ ސަރުކާރުގެ ސިޔާސަތާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި އައު ނިޒާމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށާއި، ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފުކުރުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ރާއްޖޭގެ ހަކަތައިގެ ދާއިރާގައި އެޅޭ އިންޤިލާބީ ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

