ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ސައުދީ އަރަބިއްޔާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ހާރިޖީ ވަޒީރު ހިޒް ހައިނަސް ޕްރިންސް ފައިޞަލް ބިން ފަރްހާން އަލް-ސައޫދާ މިއަދު ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވައިފިއެވެ.
ހާރިޖީ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ސައުދީގެ ހާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، މި ގުޅުން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާމެދު ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ހަލީލް ވަނީ ސައުދީ ސަރުކާރުން ރާއްޖެއަށް ދެއްވާ އަހައްމިއްޔަތުކަމާއި ފޯރުކޮށްދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދަތުރުފުޅަށްފަހު ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.
މީގެއިތުރުން، ދެ ގައުމަށް މުހިންމު އެކިއެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާއި، ބައިނަލްއަގްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް ދެ ވަޒީރުން މަޝްވަރާކުރެއްވިކަން ހާރިޖީ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.

