ގަވައިދާ ހިލާފަށް ރާއްޖެއިން 582 ކިލޯގެ މިޔަރު މަހާއި މަޑިމަސް ބޭރު ކުރަން އުޅުނު ކުންފުންޏަކީ “ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް” ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.
މި ތަކެތި ހިފެހެއްޓިފައިވަނީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެއިން ބޭރުކުރުން މަނާ ތަކެތި ހުރި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކަސްޓަމްސްއިން ކުރި ބަލައިފާސްކުރުމެއްގައެވެ.
ކަސްޓަމްސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު 7 ވަނަ ދުވަހު ބަލައިފާސްކުރި މުދާ ޝިޕްމެންޓެއްގެ ތެރެއިން މިޔަރު މަހާއި މަޑި މަސް އެކުލެވޭ 45 ފޮށިގަނޑު ވަނީ ފެނިފައެވެ. މި ފޮށިތަކުގައި ޖުމްލަ 582 ކިލޯގެ މަސް ހުރި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސްއާއި ކަމާބެހޭ އެހެން އިދާރާތަކުން ބަލަންޖެހޭ ބެލުންތައް ބަލައި، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު، އެ ތަކެތި ވަނީ ނައްތާލާފައި ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
މި މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. ނަމަވެސް މި މައްސަލައިގައި އިތުރު ފަރާތްތަކެއް ހިމެނޭކަން ނުވަތަ ނޫންކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

