އިންސާނާގެ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ކަމަކީ ރަނގަޅު ނިންޖެކެވެ. ނަމަވެސް، މިއަދުގެ ޒަމާނުގައި ގިނަ ބަޔަކު ނިދުމުގެ މުހިންމުކަން ދެނެގަންނަނީ ހަމައެކަނި ސިއްޙަތާ ގުޅުވައިގެންނެވެ. ޙަޤީޤަތުގައި ރޭގަނޑުގެ ނިދި މުހިންމުވަނީ ހަމައެކަނި ސިއްޙަތަށް ނޫނެވެ. އޭގެ އިތުރުން ހަށިގަނޑުގެ ބޭރުފުށުގެ ރީތިކަމާއި ޒުވާންކަން ދެމެހެއްޓުމަށްވެސް ނިދި ވަރަށް މުހިންމެވެ.
ނިދުމާއި ސަރކޭޑިއަން ރިދަމް: އިންސާނާގެ ހަށިގަނޑު ޤުދުރަތީގޮތުން ބައްޓަންވެފައިވަނީ ވަކި ގަޑިތަކެއްގައި ނިދައި، ވަކި ގަޑިތަކެއްގައި ހޭލެވޭ ގޮތަށެވެ. މިއީ ސަރކޭޑިއަން ރިދަމް ކަމަށް ކިޔާ ޤުދުރަތީ ނިޒާމެކެވެ. މި ނިޒާމާ އެއްގޮތަށް އެންމެ ރަނގަޅީ ރޭގަނޑު 10 ގައި ނިދައި، ހެނދުނު 6 ގައި ހޭލުމެވެ. މިގޮތަށް ނިދުމުން ހަށިގަނޑަށް ބޭނުންވާ އެކަށީގެންވާ މިންވަރުގެ އަރާމު ލިބެއެވެ.

ހަށިގަނޑުގެ ބޭރުފުށުގެ ރީތިކަމާއި ޒުވާންކަން ދެމެހެއްޓުމަށްވެސް ނިދި ވަރަށް މުހިންމެވެ/ ފޮޓޯ: ނެޓްމެޑްސް
ނިދި މަދުވުމުގެ ނޭދެވޭ އަސަރުތައް: އެކަށީގެންވާ ވަރަށް ނުނިދުމުގެ ސަބަބުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ގިނައެވެ. މީގެ ތެރޭގައި ހިމެނެނީ ހަށިގަނޑުގެ ބަރުދަން އިތުރުވުން، އިމިއުން ސިސްޓަމް ދެރަވުން، ބްލަޑް ޕްރެޝަރ މައްޗަށް ދިއުން، އަދި ނަފްސާނީ ބަލިތަކާއި ކަންބޮޑުވުންތައް އިތުރުވުމެވެ. މީގެ އިތުރުން، ނިދި މަދުވުމުގެ ސަބަބުން ލޯދަށް ކަޅުވެ، މޫނުމަތީގައި އުފެދޭ ރޮނގުތައް އިތުރުވެ، ހަން ހިކި، ހަރުވެއެވެ.
ނިދުމާއި ހަމުގެ ދުޅަހެޔޮކަން: ރަނގަޅު ނިދުމަކީ ހަމުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ. ނިދާފައި ހުންނައިރު، ހަށިގަނޑުން އުފައްދާ ގްރޯތް ހޯމޯނުގެ ސަބަބުން ހަމުގެ ސެލްތައް އައުވެ، މަރާމާތުވެއެވެ. މިކަމުގެ ސަބަބުން ހަމުގެ ފެންވަރު ރަނގަޅުވެ، އާރޯކަން އިތުރުވެއެވެ. އަދި މޫނުމަތީގެ ރޮނގުތަކާއި ލޯދަށުގެ ކަޅުކުލަ މަދުވެއެވެ.
ކޮލެޖަން އަދި އިލާސްޓިން އުފެއްދުން: ރަނގަޅު ނިދުމަކީ ހަމުގައި ކޮލެޖަން އަދި އިލާސްޓިން(ގައިގެ ހަންގަނޑު ދޫވެ ކުދިރޫޖެހުން ދުރުކޮށް، ހަންގަނޑު ވާންކޮށް ރީތިކޮށް ބެހެއްޓުމަށް ބޭނުންވާ ބައިތައް) އުފެއްދުން އިތުރުކޮށްދޭ ކަމެކެވެ. މި ދެ ޕްރޮޓީނަކީ ހަންގަނޑު ޒުވާންކޮށް، ދުޅަހެޔޮކޮށް ބެހެއްޓުމަށް ކޮންމެހެން ބޭނުންވާ ބާވަތްތަކެކެވެ. އެކަށީގެންވާ ވަރަށް ނިދުމުން މި ޕްރޮޓީންތައް އުފެއްދުން އިތުރުވެ، ގައިގެ ހަންގަނޑުގެ ފެންވަރު ރަނގަޅުވެއެވެ.

ހަށިގަނޑުގެ ބޭރުފުށުގެ ރީތިކަމާއި ޒުވާންކަން ދެމެހެއްޓުމަށްވެސް ނިދި ވަރަށް މުހިންމެވެ/ ފޮޓޯ: ނެޓްމެޑްސް
ރަނގަޅު ނިދުމެއް ހޯދުމަށް ބޭނުންވާ ކަންތައްތައް: ރަނގަޅު ނިދުމެއް ހޯދުމަށްޓަކައި ކޮންމެ ދުވަހަކުވެސް އެއް ގަޑިއެއްގައި ނިދައި، އެއް ގަޑިއެއްގައި ހޭލަން އާދަ ކުރަންވާނެ އެވެ. އަދި ނިދުމުގެ ކުރިން މޯބައިލް ފޯނާއި އެހެނިހެން އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރުން ހުއްޓާލައި، ނިދާ ކޮޓަރި ހިމޭންކޮށް، މާބޮޑަށް އަލިނޫން ގޮތަކަށް، އަދި ސާފުތާހިރު، ރީތި އަރާމު މާހައުލެއް ގާއިމު ކުރުން މުހިންމެވެ.
ދުޅަހެޔޮ ސިއްޙަތަކާއި ޒުވާން ހަށިގަނޑެއް، އަދި މޫނުގެ ތާޒާކަމާއި ޅަނދޮޅުކަން ދެމެހެއްޓުމަށްޓަކައި އެކަށީގެންވާ މިންވަރަށް ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން 7-8 ގަޑިއިރު ނިދުމަށް އިސްކަންދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މިކަމަށް ސަމާލުކަން ދިނުމުން ހަށިގަނޑުގެ ސިއްޙަތާއި ރީތިކަން ދެމެހެއްޓުމަށް މަގުފަހި ވެގެންދާނެއެވެ.

