އެމެރިކާގެ ވޮޝިންގްޓަން ޑީސީގައި ހިނގި ނުރައްކާތެރި ވައިގެ އެކްސިޑެންޓާ ގުޅިގެން، މަރުވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މި ހާދިސާގައި އެމެރިކަން އެއަރލައިންސްގެ ބޮމްބާޑިއަރ ސީއާރްޖޭ 700 މަތިންދާބޯޓަކާއި އެމެރިކާ އާމީގެ ބްލެކް ހޯކް ހެލިކޮޕްޓަރެއް ޖެހި، މަތިންދާބޯޓު ޕޮޓޯމެކް ކޯރަށް ވެއްޓުނެވެ. މި އެކްސިޑެންޓުގައި ޖުމްލަ 67 މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކުރެވިފައެވެ. މިއީ 2001 ވަނަ އަހަރުގެ ފަހުން އެމެރިކާގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ އެކްސިޑެންޓެވެ.
މި ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ހާދިސާގެ ޚަބަރު އެއްސެވީ ހިތާމައާ އެކުގައި ކަމަށެވެ. އަދި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، އެމެރިކާގެ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.
“އަޅުގަނޑުމެން މި ތިބީ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމެރިކާގެ ރައްޔިތުންނާއެކު،” އެމަނިކުފާނުގެ ޕޯސްޓްގައި ވެއެވެ.
މަތިންދާބޯޓުގައި 60 ފަސިންޖަރުންނާއި 4 ކުރޫ މެމްބަރުން ތިބި ކަމަށް ރިޕޯޓު ކުރެވިފައިވާއިރު، މަރުވި މީހުންގެ ތެރޭގައި ރަޝިޔާ، ފިލިޕީންސް އަދި ޖަރުމަނުވިލާތުގެ ރައްޔިތުންނާއި، ކެންސަސް ސްޓޭޓުން ގިނަ ބަޔަކާއި ޒުވާން ސްކޭޓަރުންތަކެއް ހިމެނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ހޯދުމަށް އެމެރިކާގެ ނެޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން މިހާރު ވަނީ ތަޙުޤީޤު ފަށާފައެވެ. އެގޮތުން މަތިންދާބޯޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރާއި ފްލައިޓް ޑޭޓާ ރެކޯޑަރ ވަނީ ހޯދާފައެވެ.
ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވި ގޮތުގައި، ދެ އުޅަނދުވެސް އާންމުކޮށް ދަތުރުކުރާ މަގުތަކުގައި ދުއްވަމުން ދިޔައިރު މުވާސަލާތީ މައްސަލައެއް ދިމާވެފައި ނުވާ ކަމަށާއި، އެއަރ ޓްރެފިކް ކޮންޓްރޯލަރުން ހެލިކޮޕްޓަރަށް މަތިންދާބޯޓު އަންނަކަން އަންގައި، މަގު ބަދަލުކުރުމަށް އެންގި ކަމަށް ރޭޑިއޯ މުވާސަލާތްތަކުން ދައްކާ ކަމަށްވެސް ވިދާޅުވިއެވެ.

