ޝައި ޕްރޮޑަކްޝަން އާއި ސެޓަރން ސްޓޫޑިޔޯ ގުޅިގެން ގެނެސްދޭ ވަރުގަދަ ފިލްމް ‘"ކޭޖީއެމް"’ ގެ ޝޫޓިން ފަށައިފިއެވެ. ޔޫސުފް ޝަފީޢު (ޔޫއްޕެ) ގެ ވާހަކަ އަކަށް އުފައްދާ މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަން އެވެ.
ކޭޖީއެމް އަކީ 2019 ވަނަ އަހަރު ވީ މީޑިޔާ އިން އުފައްދަން ފެށި ފިލްމެކެވެ. ނަމަވެސް ފިލްމްގެ މަސައްކަތް ހުއްޓިފައި ވަނިކޮށް، ބަދަލު ތަކަކާއި އެކު އަލުން ފިލްމްގެ މަސައްކަތް ފައްޓާފައިވަނީ މިއަހަރު ގައެވެ.
މި ފިލްމަކީ ދިވެހި ފިލްމް ‘"ލޫދިފާ"’ އަށްފަހު ފިލްމީ ދާއިރާގެ އެންމެ ގިނަ ތަރިން އެއް ފިލްމަކުން ފެނިގެންދާނެ ފިލްމެވެ. އެގޮތުން ފިލްމްގެ މައިގަނޑު ތަރީންގެ ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، މަރިޔަމް ޢައްޒަ، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަން ގެ އިތުރުން ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ. ފިލްމްގެ މަންޒަރުތައް މ.މުލަކުގައި ނަގަމުންދާއިރު މި ފިލްމްގެ ކެމެރާމަނަކީ ތަޖުރިބާކާރު ކެމެރާމަން އިބްރާހިމް ވިސާން (ކަނޑި) އެވެ.
ފިލްމްގެ ޕްރޮޑިއުސަރުންނަކީ ބެލުންތެރިންގެ މަޤުބޫލު ފިލްމްތައް ކަމުގައިވާ ‘"ނޯޓީފޯޓީ"’ ‘"ފޯރޓީޕްލަސް"’ އަދި ކާމިޔާބު ފިލްމް ‘"ލޯބިވެވިއްޖެ"’ ‘"ކަމަނާ"’ ފަދަ ފިލްމް ތައް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައިވާ ދެ ޕްރޮޑިއުސަރުން ކަމުގައިވާ އިސްމާއިލް ޝަފީޤު އާއި ޝާނިޒް ޢަލީ އެވެ.
މި ފިލްމަކީ މިއަހަރު ބެލުންތެރިންނާއި ހަމަޔަށް އަންނާނެ އެންމެ ވަރުގަދަ އެއްފިލްމަށް ވެގެންދާނެކަމުގެ އުންމީދު ބޮޑު ފިލްމެކެވެ.

