ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު 15 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާކަމަށް އެ ކުންފުނީގެ ހަތަރުވަނަ ކުއާޓަރގެ ރިޕޯޓުން ދައްކައިފި އެވެ.
އެސްޓީއޯގެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެންމެ މަތީ އާމްދަނީއެއް ލިބިފައިވަނީ އަހަރުގެ ފުރަތަމަ ކުއާޓަރގައެވެ. އެގޮތުން ފުރަތަމަ ކުއާޓަރގައި 4.5 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނު އިރު، ހަތަރުވަނަ ކުއާޓަރގައި ލިބިފައިވަނީ 3.8 ބިލިއަން ރުފިޔާއެވެ. އަދި އަހަރުގެ އެހެން ދެ ކުއާޓަރގެ އާމްދަނީއާއެކު ޖުމުލަ 15.3 ބިލިއަން ރުފިޔާގެ އާމްދަނީ ވަނީ ލިބިފައެވެ.
ނަމަވެސް، 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރުގެ އާމްދަނީ ވަނީ އެއް ބިލިއަން ރުފިޔާ ދަށްވެފައެވެ. 2023 ވަނަ އަހަރު އެސްޓީއޯއަށް 16.3 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެއެެވެ.
އަދި ޓެކްސްތަކާއި އެހެނިހެން ޚަރަދުތައް ކެނޑުމަށްފަހު ލިބުނު ސާފު ފައިދާވެސް ވަނީ ދަށްވެފައެވެ. އެގޮތުން 2023 ވަނަ އަހަރު 818 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބުނު އިރު، މިދިޔަ އަހަރު ލިބިފައިވަނީ 717 މިލިއަން ރުފިޔާގެ ސާފު ފައިދާއެވެ.

