ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ މަންމަ، ޒަމީރާ އުމަރު މިއަދު އަވަހާރަވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަމީރާ އަވަހާރަވެފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ޒަމީރާ އުމަރަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބޮޑުދައިތާފުޅު ވެސް މެއެވެ.
ޒަމީރާ އުމަރު، އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރްޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މި ދަނޑިވަޅުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ.
މަރްޙޫމާގެ ޖަނާޒާގެ ކަންތައް އަދި ހަމަޖެހިފައި ނުވާކަމަށް ޢާއިލާގެ ފަރާތުން މަޢުލޫމާތު ދެއެވެ. ނަމަވެސް، އެކަން އަވަހަށް އިޢުލާނު ކުރާނެ ކަމަށް ބުނެފައިވެއެވެ.

