މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓޭނެ އުސޫލެއް އެކުލަވާލަން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ. މިކަން ވަޒީރު ހާމަކުރައްވާފައިވަނީ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، “އެކި ޖަމްޢިއްޔާތަކުން މިސްކިތްތަކުގައި ފަންޑުފޮށިތައް ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދަން ހުއްދައަށް އެދެމުންދާ މިންވަރު މިހާރު ވަނީ ވަރަށް އިތުރުވެފައި“. މިކަމާ ގުޅިގެން، މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓުމާ ބެހޭ އުސޫލެއް އޮތުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަލަށް އެކުލަވާލެވޭ އުސޫލުގެ ދަށުން، މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓުމުގެ ހުއްދަ ދޫކުރެވޭނީ ފައިސާ ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހެޅުމުންނެވެ. އަދި ހުއްދަ އައުކުރެވޭނީ ކުރިން ހޯދުނު ފައިސާ ޚަރަދުކުރި ގޮތުގެ ތަފުސީލާއި އޮޑިޓު ރިޕޯޓު ހުށަހެޅުމުން ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މި އުސޫލު އެކުލަވާލެވޭނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުންނެވެ. މިފަދަ އުސޫލެއް އެކުލަވާލަން ޖެހުނު އެއް ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ، ފަލަސްޠީނުގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ އެކި ޖަމްޢިއްޔާތަކުން މިސްކިތްތަކުގައި ފަންޑުފޮށި ބަހައްޓައިގެން ފައިސާ ހޯދުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދިއުމެވެ.

