ބިދޭސީއެއްގެ އަތުން ރުފިޔާ ފޭރުނު 2 ދިވެހިންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނާ ގޮތުގައި ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 2:12 ގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ރެދަން، ފަވާޒް ކަޅު ތުއްތު (36 އަހަރު) އާއި ތ. ތިމަރަފުށި، ލަކީ ހައުސް، ސޮފްވާން އަލީ އެވެ.
މިދެ މީހުން ބިދޭސީ މީހާގެ އަތުން 33،500 ރުފިޔާ ފޭރުނުކަމަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ތަޙުޤީޤު ކުރިއަށް ގެންދަމުންނެވެ. މިފަދަ ހާދިސާތައް އިތުރުވަމުން އަންނަ ކަމަށް ފާހަގަކުރެވޭއިރު، ފުލުހުން ވަނީ މާލޭގެ މަގުތަކުގައި ދަތުރުކުރާ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ފޭރުމާއި ވައްކަމުގެ މައްސަލަތަކަކީ ޤާނޫނުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކެކެވެ. މިފަދަ ކުށްތަކަށް ޝަރީޢަތުން ކަނޑައަޅާ އަދަބުތައްވެސް ވަރަށް ހަރުކަށިއެވެ.

