އައްޑޫސިޓީގެ ހަންކެޑެ ބުރިޖުގެ މަސައްކަތްތައް ނިމި، މިރޭ 00:00 ން ފެށިގެން އާންމު ރައްޔިތުންނަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، މި ބުރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދެވުނު އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ތެރެއިން ހަދާފައިވާ ބުރިޖެކެވެ. މި ބުރިޖަކީ ހަންކެޑެ ޑީޓުއަރ ލިންކް ރޯޑްގެ ބައެކެވެ.
2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މަސައްކަތް ފެށުނު މި ބުރިޖަކީ 1.4 ކިލޯމީޓަރުގެ ދިގުމިނުގެ، 4 ލޭނަށް ތަރައްޤީކުރެވިފައިވާ ބުރިޖެކެވެ. މި ބުރިޖުން އައްޑޫ ސިޓީގެ ދެ ރަށް ކަމުގައިވާ ހިތަދޫއާއި މަރަދޫ ގުޅުވައިދެއެވެ.
މި ބުރިޖު ހުޅުވުމާ ގުޅިގެން އައްޑޫ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

